އައްސަލާމްއަލައިކުމް! އަޅުގަނޑުގެ ނަމަކީ ލީން، އަދި އަޅުގަނޑަކީ ތަމްރީންވަމުން އަންނަ (ޓްރެއިނީ) ކްލިނިކަލް ސައިކޮލޮޖިސްޓް އެކެވެ. ފާއިތުވި 4 އަހަރު މެލޭޝިއާގައި ކެޔުވުމުގައި ހޭދަވި ނަމަވެސް އަޅުގަނޑު އުޅެ ބޮޑުވީ ރާއްޖޭގައެވެ. އަޅުގަނޑުގެ އަމާޒަކީ ވަކި މީހަކަށް ތަފާތު ކުރުމެއްނެތި، އޯގާތެރިކަމާއިއެކު ތެރަޕީ ފޯރުކޮށްދިނުމެވެ. ދިވެހި ބަސް ނުވަތަ އިނގިރޭސި ބަސް ކަމުގައި ވިޔަސް، ތެރަޕީ ސެޝަންތަކުގައި އަޅުގަނޑު ބޭނުންކުރާނީ ތިބާ ވާހަކަ ދައްކަން ޚިޔާރުކުރާ ބަހެކެވެ.
ރާއްޖޭގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ހޭލުންތެރިކަން ކުޑަކަމުގެ އިތުރުން އެހީހޯދޭނެ މަގެއް ނެތްކަމުގެ އިހްސާސްއަކީ ބޮޑުވަމުން އައިއިރު އާދައިގެ މަތިން އެކަމާއިމެދު އަޅުގަނޑަށް ފިކުރުކުރެވުނު ކަމެކެވެ. އެހީ ބޭނުންވެފައިވާ ލޯބިވާ މީހުން އަޅުގަނޑުވަށައިގެން ތިއްބެވެ. މިދާއިރާއާއިމެދު އަޅުގަނޑުގެ ޝައުގުވެރިކަން ފުރަތަމަ އުފެދުނީ ލޯބިވާ މީހުންނަށް އެހީ ފޯރުކޮށްދޭނެ ގޮތެއް ހޯދުމުގައި އުޅުމުގެ ތެރެއިންނެވެ. ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް މި ދާއިރާއަށް ހުރި ޝައުގުވެރިކަން އިތުރުވެ، ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށް ދިޔުމަށް އަޅުގަނޑު ނިންމީމެވެ.
މި މަސައްކަތުގައި ކުރިއަށް ދިއުމަށް އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އެމީަހަކަށް ކުރިމަތިވެގެންދާ އުނދަގޫތަކާއިއެކު އެމީހެއްގެ ގާބިލިއްޔަަތުކަމާއި އެމީހެއް އަގުވަޒަންކުރާ ކަންކަން ދެނެގަނެވިގެން ދާތަން އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކެފައިވާތީއެވެ. ހަމައެއާއެކު އެހެންމީހުންގެ އެހީއާއިއެކު މާނަފުން ދިރިއުޅުމެއް އުޅުމުގެ މަގުކޮށުމަކީ ވާނެކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީއެވެ.
ތަޢުލީމީ ތަޖުރިބާ
އަޅުގަނޑު ބެޗެލަރސް އޮފް ސައިކޮލޮޖީ (އޮނަރސް) ޑިގްރީ ހާސިލްކުރީ މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީއިންނެވެ. މިވަގުތު އަޅުގަނޑު މިގެންދަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީގައި މާސްޓަރސް އޮފް ކްލިނިކަލް ސައިކޮލޮޖީ ފުރިހަމަ ކުރަމުންނެވެ.
އަމަލީ ތަޖުރިބާ
ޑިގްރީ ފެށުމުގެ ކުރިން މާލޭގެ އައިޖީއެމްއެޗްގައި ކްލިނިކަލް އެއިޑެއްގެ ގޮތުގައި އަދި އިދާރިީ ޓީމްގެ ކަންކަމުގައި އަޅުގަނޑު ވޮލަންޓިއަރކޮށް މަސައްކަތް ކުރީމެވެ. މިއީ މުޖުތަމައުގެ ނަފްސާނީ ސިއްހީ ބޭނުންތަކާއި މެދު އަޅުގަނޑުގެ ނަޒަރިއްޔާތު ފުޅާކޮށްދިން ތަފާތު ތަޖުރިބާއެކެވެ.
ޑިގްރީ ދުވަސްވަރު އެމްބްރޭސް އޯޓިޒަމް މެލޭޝިއާގައި މަސައްކަތްކޮށް، އޯޓިޒަމް ހުންނަ ކުދިންނާއި އެކު ސަން-ރައިސް މޮޑެލް ނަމަކަށް ކިޔޭ ފަލްސަފާއެއްގެ ދަށުން އެކުދިންގެ ކުރިއެރުމުގައި އަޅުގަނޑު ބައިވެރިވީމެވެ. ހަމައެހެންމެ މިދުވަސްވަު ކިޔެވުމުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި ސެޝަންތައް އިންތިޒާމްކުރުމުގައި ވެސް އަޅުގަނޑު ހަރަކާތްތެރިވީމެވެ.
މާސްޓަރސް ޕްރޮގްރާމް ފެށިފަހުން، ހެލްޕް ޔުނިވަރސިޓީގެ ސެންޓަރ ފޯރ ސައިކޮލޮޖިކަލް އެންޑް ކައުންސެލިންގ ސާވިސަސް (ސީޕީސީއެސް) ގައި ޓްރޮމާ، މޫޑް، އެންޒައިޓީ، ބިރު، އަދި ހިތާމައާ ގުޅުންހުރި މައްސަލަތަކުގައި ތަފާތު އުމުރުފުރާތަކުގެ ފަރުދުންނަށް އެހީވެ ފަރުވާދިނުމުގައި އަޅުގަނޑު މަސައްކަތްކުރީމެވެ. ސީޕީސީއެސްގައި އަޅުގަނޑު ޓްރެއިނީ ކްލިނިކަލް ސައިކޮލޮޖިސްޓެއެްގެ ގޮތުގައި މަސައްކަތްކުރިއިރު މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން އަޅުގަނޑު އާއްމުގޮތެއްގައި ބޭނުންކުރީ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (ސީބީޓީ) އާއި އެކްސެޕްޓެންސް އެންޑް ކޮމިޓްމެންޓް ތެރަޕީގެ އުސޫލުތަކެވެ. އަދި ހެދިބޮޑުވުމުގަޔާއި އުޅުމުގައި ހުންނަ ތަފާތުތައް ދެނެގަނެ އެކުދިންނަށް ފަރުވާދިނުމުގެ ގޮތުން ސައިކޮމެޓްރިކް އެސެސްމަންޓްތައް (އެކުދިންނަށް އެނދަދޫވާ ކަންކަން ދެނެގަތުމަށް ބޭނުންކުރެވޭ ޓެސްޓްތައް) ހެދުމުގެ ފުރުސަތުވެސް ސީޕީސީއެސްގައި އަޅުގަނޑަށް ލިބުނެވެ. ނަފްސާނީ ސިއްހަތާއިމެދު އާއްމުން ހޭލުންތެރިކުރުުމުގެ އިވެންޓްތައް އިންތިޒާމުކުރުމާއި، އެކިއުމުރުފުރާގެ މީހުންގެ މެދުގައި ހުންނަ ނަފްސާނީ މައްސަލަތައް ދެނެގަނެ އެއުމުރުފުރާއަކާއި ގުޅުންހުރި ފަރުވާހޯދުމުގެ ވަސީލަތްތައް އެބަޔަކަށް ފޯރުކޮށްދޭނެ މަގުދެއްކުމުގެ ތަޖުރިބާވެސް އަޅުގަނޑު މިދަނޑިވަޅުގައި ލިބިގަތީމެވެ.
މިވަގުތު އަޅުގަނޑު މަސައްކަތްކުރަމުން ގެންދަނީ ޝެއަރ ރިޒޯލްވްގެ ކްލިނިކަލް ޑައިރެކްޓަރ ޑރ. ޑޭން ސީލްގެ ތަޖުރިބާކާރުގެ ދަށުން އެކްސެޕްޓަންސް އެންޑް ކޮމިޓްމަންޓް ތެރަޕީއިން އިތުރަށް ތަމްރީނުވުމުގައެވެ.
އަޅުގަނޑުގެ ސެޝަންތައް ކުރިއަށް ގެންދާނެ ގޮތް
ތެރިޕީގައި އަޅުގަނޑުގެ އަމާޒަކީ ތިބާގެ ވާހަކަތައް ކިޔާދެވޭނެފަދަ މާހައުލެއް ގާއިމްކޮށްދިނުމެވެ. އުނދަގޫ ވާހަކަތަކާއި އިހްސާސްތަކަކީ އެކަންތަކުގެ ވާހަކަ އެހެން ފަރާތަކަށް ކިޔާދިނުން އުނދަގޫ ކަންކަމެވެ. އަޅުގަނޑުގެ ސެޝަންތަކުަގައި ތިބާގެ މައްސަލަތަކަށް އެހީތެރިކަންފޯރު ކޮށްދިނުމުގައި އަޅުގަނޑު ކުރިޔަށްދާނީ އެކަން ހަނދާނުގައި ބަހައްޓައިގެންނެވެ.
ތިބާގެ ހަޔާތަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގައި އަޅުގަނޑުމެން މަސައްކަތްކުރަނީ ޓީމެއްގެ ގޮތުގައެވެ. ތިބާއަށް ކުރިމަތިވެފައިވާ މައްސަލައާއިމެދު އަމަލުކުރަންވީގޮތް ނިންމާނީ ތިބާއެވެ. އަޅުގަނޑުގެ މައިގަނޑު ރޯލްއަކަށް ވާނީ ތިބާއާއި އެކު އެއަމަލުކުރަން ބޭނުންވާ ގޮތް ދެނެގަނެ ތިބާގެ އަމިއްލަ ނަފްސު ތިބާއަށް އިތުރަށް ދެނެގަނެވޭނެ މަގު ފަހިކޮށް ދިނުމެވެ.
ތިބާގެ ހަޔާތަށް އިތުރު ހިތްހަމަޖެހުމާއި އަލިކަން ތިބާ ހޯދަން މަސައްކަތްކުރާކުރުމުގައި، ތިބާއާއިއެކު އެމަގުގައި ހިނގާލުމީ އަޅުގަނޑަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެކެވެ.
ކޮންސަލްޓޭޝަން އެއް ހަމަޖެއްސަވާ
މެލޭޝިއާގައި އުޅުއްވާ ބޭފުޅަކު އަޅުގަނޑާއި ދިމާވެގެން ވާހަކަ ދައްކާލަން ބޭނުންނަމަ ޝެއަރ ރިޒޯލްވްގެ ދެ ސެންޓަރ ކަަމަށްވާ ދަ ހަބް އަދި ކޮލޮނީ ކޭއެލްސީސީ ގައި ބައްދަލުކޮށްލެވޭނެއެވެ.
ރާއްޖޭގައި ތިއްބަވާ އެންމެންނަށް ވެސް އޮންލައިންކޮށް ޒޫމްއިން އަޅުގަނޑާއި ބައްދަލުކޮށް ލެވޭނެއެވެ. ރާއްޖޭގައި ނުވަތަ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުންނެވިޔަސް އޮންލައިންކޮށް ބައްދަލުވުމެއް ހަމަޖެއްސެވޭނެއެވެ.
އާންމުކޮށް އަޅުގަނޑާއި ބައްދަލުވުން ހަމަޖެހޭނީ އޮފީސް ގަޑިތަކުގައެވެ. އެއީ ހޯމަދުވަހުން ފެށިގެން ހުކުރުދުވަހާއި ދެމެދު ރާއްޖެގަޑިން ހެނދުނު 6 ހަޔަކުން ހަވީރު 3 ކަަށެވެ. ނަމަވެސް ރަސްމީ ގަޑިތައް ފިޔަވާ އެހެން ބައެއް ގަޑިތަކާއި ހޮނިހިރު ދުވަހުގެ ބައެއް ގަޑިތަކުގައި ވެސް އަޅުގަނޑު މަސައްކަތްކުރަމެވެ.
އަޅުގަނޑާއި ބައްދަލުވެމެއް ހަމަޖައްސަވަން ބޭނުންވާނަމަ ފޯނުން ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 5089910 12 60+ އަށް ގުޅުއްވުން ނުވަތަ މެސެޖްކުރެއްވުން އެދެމެވެ. އަދި info@resolve.my އަށް އީމެއިލް ވެސް ކުރެވޭނެއެވެ.

