އިހްސާސްތައް ދެނެގަތުމުގައާއި، ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި ކުރިމަތިލުމުގައާއި، މީހުންނާއި އެކު އޮންނަ ގުޅުންތައް ރަނގަޅު ކުރުމުގައި، ކްލިނިކަލް ސައިކޮލޮޖިސްޓަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ސުކޫލް، ޔުނިވަރސިޓީ އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތަކުގައި ވެސް، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ކްލިނިކަލް ސައިކޮލޮޖިސްޓަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މައްސަލަތަކުގެ ތަފްސީލީ ލިސްޓެއް ތިރީގައި މިވަނީ ހިމެނިފައެވެ.
ކްލިނިކަލް ސައިކޮލޮޖިސްޓުންނަށް ތަފާތު އެތައް މައްސަލަތަކެއްގެ ހައްލު ހޯދަން އެނގޭ ސަބަބަކީ، ގިނަ މައްސަލަތައް އާއްމުކޮށް ދިމާވަނީ ފޮރުވިފައިވާ މައިގަނޑު މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުންނެވެ. މިގޮތުން، ވަކި ކަމަކާމެދު ވިސްނާ ފިކުރުކުރުމުން ދުރުވުމަށް މަސައްކަތްކުރާވަރަކަށް އެކަމާއިމެދު ބޮޑަށް ވިސްނޭ ހާލަތްތައްވެސް އެބައާދެއެވެ. މިކަމަށް ސައިކޮލޮޖީގައި ދެވިފައިވާނަމަކީ ‘ތޯޓް ސަޕްރެޝަން’ އެވެ. މިއީ މާގިނައިން ކާންބޭނުންވުމުން ފެށިގެން އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ (އޯސީޑީ) ގެ ޑައިގްނޯސިސް ލިބިފައިވާ މީހުންގެ ކިބައިން ފެންނަ އަމަލުތަކަށް ބާރު ފޯރުކުރުވާ ކަމެކެވެ.
“ތޯޓް ސަޕްރެޝަން” ފަދަ މައްސަލައިގެ ފޮރުވިފައިވާ ހަގީގީ ސަބަބު ދެނެގަތުމަށް ފަހު، ސައިކޮލޮޖިސްޓުން އެމައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އުކުޅުތަކެއް ތިބާއަށް ދަސްކޮށްދޭނެއެވެ. މިފަދަ ގިނަ މައްސަލަތަކަކީ، އަޅުގަނޑުމެން ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ސިކުނޑި މަސައްކަތްކުރާތީ ދިމާވާ މައްސަލަ ތަކެކެވެ. އެހެންކަމުން، އަމިއްލައަށް މިމައްސަލަތަކަށް ހައްލުހޯދާ، އަމިއްލަ ވިސްނުމަށް ބަދަލުގެނައުމީ އުނދަގޫ ކަމެކެވެ.
އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން މަސައްކަތްކުރާ ގޮތާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ މިލިންކަށް ދުރުވާށެވެ.
ސައިކޮލޮޖިސްޓެއްގެ ތަޖުރިބާ އިތުރުވާރަކަށް މައްސަލަތަކުގެ ފޮރުވިފައިވާ ސަބަބުތައް ދެނެގަންނަން ސައިކޮލޮޖިސްޓް ފަރިތަވެ، އެމައްސަލަތައް ހައްލުކުރުމަށް ބޭނުންކުރެވޭނެ އުކުޅުތައްވެސް ދަސްކޮށްދިނުމުގައި ކުރިއަރައެވެ. މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ސައިކޮލޮޖިސްޓުންނީ ތިބާއަށް ދިމާވެފައިވާ މައްސަލަތަކާއި އެއްގޮތް މައްސަލަތަކެއް ހުރި ގިނަބައަކާއެކު މަސައްކަތްކޮށްފައިވާނެ ބައެކެވެ. ޝެއަރ ރިޒޯލްވްގައި ގިނަ ތަޖުރިބާކާރު ހުރި ސައިކޮލޮޖިސްޓުންނީ ތަޖުރިބާ ހޯދަމުންދާ ސައިކޮލޮޖިސްޓުންނަށް މަގުދައްކައިދޭ ބައެކެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކޮންމެ ސައިކޮލޮޖިސްޓެއްގެ ފަރާތުންވެސް ތިބާއަށް ލިބޭ ހިދުމަތަކީ، އެންމެ ފުރިހަމަ ހިދުމަތްކަން އަޅުގަނޑުމެން ކަށަވަރުކުރަމެވެ. (މިބީދާއިން މަގު ދައްކައިދިނުމުގައި، އަޅުގަނޑުމެންގެ ސުލޫކީ މިންގަނޑުތައް ހިފެހެއްޓޭނެއެވެ. މިގޮތުން އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދޭ އެއްވެސް ފަރާތެއްގެ ނަން ނުވަތަ އެއީ ކާކުކަން އަންގައިދޭ އެއްވެސް މައުލޫމާތެއް ބޭނުމެއް ނުކުރެވޭނެއެވެ.)
ތިބާގެ މައްސަލައަކީ ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ލިބޭނެ މައްސަލައެއްކަން ދެނެގަނެވޭނެ ގޮތަކީ ކޮބާ?
އުންމީދެއް ނެތް ކަމަށް ނިންމާފައިވާ ކްރިޓިކަލް ހާލަތްތަކާއި އުނދަގޫ މައްސަލަތައް ހައްލުކުރުމުގައި، އަޅުގަނޑުމެން އާއްމުކޮށް މަސައްކަތް ކުރަމެވެ. އޭޝިއާ އާއި ހުޅަނގުގެ އެކި ހިސާބުތަކުގެ މާހިރުންނާއި ގުޅާލަދޭ ނެޓްވޯރކެއް އަޅުގަނޑުމެންގެ މެދުގައި ގާއިމްވެފައިވުމުން، އާދަޔާއި ހިލާފު ނުވަތަ އުނދަގޫ މައްސަލަތަކުގައި ވެސް އަޅުގަނޑުމެންނަށް މަގުދައްކައިދެވޭނެ ފަރާތްތައް އެބަތިއްބެވެ. (މާހިރުންގެ ލަފާ ހޯދުމުގައި ވެސް އަމަލުކުރެވޭނީ ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށެވެ.)
ތިބާއަށް ދިމާވެފައިވާ މައްސަލައަކީ އަޅުގަނޑުމެންނާއި ބައްދަލުކުރާ ވަރަށް ވުރެ ކުޑަ މައްސަލައެއް ނުވަތަ މާބޮޑު މައްސަލައެއްނޫންކަމަށް ދެކެވި، އެހީހޯދުމާމެދު ކަންބޮޑުވާފަހަރު އެބައާދެއެވެ. ނަމަވެސް މައްސަލައަކީ ކިތަންމެ ކުޑަ ނުވަތަ ބޮޑު މައްސަލައެއްކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ނަޒަރުގައި ކޮންމެ މައްސަލައަކީ ވެސް ހައްލެއް ނުވަތަ އެކަމަށް އަލިމަގެއް ހޯދޭނެ މައްސަލައެކެވެ. ކުޑަކޮށް ހުރިކަމެއް ބޮޑުވުމުގެ ކުރިން ފަރުވާ ހޯދާ ބީދާއިން، ކުދިކުދި ކަންބޮޑުވުންތައް އަވަސްގޮތަކަށް ހައްލުކުރުމުން ބޮޑެތި މައްސަލަތަކަށް އެކަންކަން ބަދަލުވުމުން ހުރަސްއެޅެއެވެ.
އަދި ތިބާ ހައްލުހޯދަން ބޭނުންވާ ވަކި މައްސަލައެއް ނެތްކަމުގައިވިޔަސް، ޖުމްލަކޮށް ދިރިއުޅުމުގައި އިތުރު ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމުގައި ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މިއިން އެއްވެސް ކަމެއްގައި ސައިކޮލޮޖިސްޓަކާއި ވާހަކަ ދައްކާލަން ބޭނުންވާނަމަ ވަޓްސްއެޕް މެދުވެރިކޮށް (WhatsApp +6012 5089910) ނުވަތަ މެއިލް މެދުވެރިކޮށް (info@resolve.my) އަޅުގަނޑުމެންނަށް މެސެޖް ކުރައްވާށެވެ.
އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މައްސަލަތަކަކީ…
ތިރީގައި ބަޔާންކުރެވިފައިވާ ކޮންމެ މައްސަލައަކަށް ވެސް ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ލިބޭނެއެވެ. ތިބާއަށް ދިމާވެފައިވާ މައްސަލަ މިލިސްޓުގައި ފެންނަން ނެތްނަމަ ވަޓްސްއެޕް މެދުވެރިކޮށް (WhatsApp +6012 5089910) ނުވަތަ މެއިލް މެދުވެރިކޮށް (info@resolve.my) އަޅުގަނޑުމެންނަށް މެސެޖް ކުރައްވާށެވެ. މި ލިސްޓުގައި ސައިކިއޭޓްރިކް ޑައިގްނޯސިސްތައް ލިޔެވިފައި ނުވި ނަމަވެސް، އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭ ޑައިގްނޯސިސްތަކުގެ ލިސްޓެއް ބަލާލަން ބޭނުންނަމަ މި ލިންކަށް ފިތާލުމުން ފެންނާނެއެވެ.
ތިބާއީ ކޮންމެ އުމުރުފުރާއެއްގެ މީހެއްނަމަވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ކުޑަ ކުއްޖެއްނަމަ ނުވަތަ އަޅުގަނޑުމެންނާ ވާހަކަ ދެއްކުމުން ހުރަސްއެޅޭ ފަދަ ނުކުޅެދުންތެރިކަމެއް ހުރި މީހެއްނަމަ، އެކުއްޖެއްގެ ނުވަތަ އެމީހެއްގެ ބެލެނިވެރިޔާއާއި އަޅުގަނޑުމެންނަށް ވާހަކަދެކެވޭނެއެވެ.
ފިކުރުތަކާއި އިހްސާސްތަކާއި ގުޅުންހުރި މައްސަލަތައް
އާއްމުކޮށް އެހެން ހީނުވި ނަމަވެސް، އަޅުގަނޑުމެންނަށް ކުރެވޭ ކޮންމެ އިހްސާސެއް އަދި ޖަޒުބާތަކީ އަޅުގަނޑުމެންނަށް އެހީވެދިނުމަށް ސިކުނޑިގެންގުޅޭ ނިޒާމުތަކެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރާނީ، ހިތަށް އަންނަ އުނދަގޫ އިހްސާސްތަކުން ނުވަތަ ހިޔާލަށް އަންނަ އުނދަގޫ ފިކުރުތަކުން ވީހާވެސް އަވަހަށް ސަލާމަތްވުމަށެވެ. ހިތާމައަކީ އަހަރެމެންގެ އިހްސާސްތަކާއި ފިކުރުތަކުން ސަލާމަތްވާން މަސައްކަތް ކުރުމަކީ، އެ އިހްސާސްތަކާއި ފިކުރުތައް އިތުރަށް އަޅުގަނޑުމެންގެ މައްޗަށް ބާރުފޯރުވާ ކަމަކަށްވާތީއެވެ. ނޭދެވޭ އިހްސާސްތަކާއި ހިޔާލުތަކުން ސަލާމަތްވާން މަސައްކަތްކުރާ ވަރަކަށް، އިތުރަށް ތިބާގެ މަސްލަހަތު ގޯސްވެގެންދާ ފަހަރުތައް ގިނައެވެ.
މިއީ އަޅުގަނޑުމެންގެ ކުށެއް ނޫނެވެ. ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ކުރެވޭ އިހްސާސްތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ދަސްކޮށްދެވިފައިވާ ބައެއް ނޫނެވެ. ތިބާއަށް ކުރެވޭ އުނދަގޫ އިހްސާސްތަކާއި ހިޔާލަށް އަންނަ ނޭދެވޭ ފިކުރުތަކަކީ ތިބާގެ ދިރިއުޅުމުށް އެޅޭ ހުރަހެއްގެ ބަދަލުގައި، އެކަންކަމާއި ކުރިމަތިލުމަށް ބޭނުންކުރެވޭނެ އުކުޅުތަކެއް ސައިކޮލޮޖިސްޓް ތިބާއަށް ދަސްކޮށްދޭނެއެވެ.
މިއީ ކުރެވޭ އިހްސާސްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ދިމާވެދާނެ ބައެއް ދަތިތަކުގެ ލިސްޓެކެވެ.
- ހާސްވުން (އެންޒައިޓީ)
- ކަންކަމުގައި މާބޮޑަށް ކަންބޮޑުވުން
- ވަކި ހާލަތްތަކުގައި ނުވަތަ ވަކި އެއްޗެއް ދެކެ މާބޮޑަށް ބިރުގަތުން (ފޯބިއާސް)
- ޕެނިކް އެޓޭކް (ހިތްއަވަސްވެ ނޭވާކުރުވެ އަދި ބައެއް ހާލަތްތަކުގައި މަރުވެދާނެކަމުގެ ބިރު، އިހްސާސް ކުރެވޭ ހިނދުކޮޅެއް ނުވަތަ ހިނދުކޮޅުތަކެއް)
- ހިތަށް އަރާ ބައެއް ހިޔާލުތަކުގެ ސަބަބުން މަޖުބޫރު އުސޫލެއްގެ މަތިން ކުރެވޭ ކަންކަން ނުވަތަ ކުށްހީގެ ސަބަބުން ތަކުރާރު ކުރެވޭ އަމަލުތަކެއް (ރާއްޖޭގައި މިހިޔާލުތަކާއި އަމަލުތަކަށް ދެވިފައިވާ ނަމަކީ ޝައްކު ބަލި)
- ދިގުދެމިގެންދާ ބިރުވެރިކަމުގެ ނުވަތަ ނުތަނަވަސްކަމުގެ އިހްސާސް
- މޫޑް (ވަގުތުތަކަށް ދެމިގެންދާ އިހްސާސް)
- ހިތާމަ ނުވަތަ އެއްވެސް އިހްސާސްއެއް ނުވާކަމުގެ އިހްސާސް
- އިހްސާސްތަކަށް (މޫޑަށް) ކުއްލި ކުއްލިއަށް ބަދަލުއައުން
- އުއްމީދެއްނެތް ކަމުގެ އިހްސާސް ދިގުދެމިގެން ދިޔުން
- އާއްމުކޮށް ކުރާކަންތައްތައް ކުރާ ހިތްނުވުން ނުވަތަ އެކަންކަމަށް ހުންނަ ޝައުގުވެރިކަން ކެނޑުން
- މާޒީގައި ކުރެވިފައިވާ ކަމަކާއި ގުޅިގެން އަމިއްލަ ނަފްސާއި މެދު ނަފްރަތު އުފެދުން
- ތިބާއަކީ އަގެއްނެތް މީހެއް ކަމުގެ އިހްސާސް ކުރެވުން
- ތިބާގެ ކިބައިގައި އެއްވެސް ގާބިލިއްޔަތެއްނެތް ކަމުގެ އިހްސާސްކުރެވުން
- ކުށެއް ހެދިދާނެކަމުގެ ބިރުހީވުން ނުވަތަ ކުށެއް ހެދިއްޖެނަމަ އެކަމުން އަރައިގަންނަން އުނދަގޫވުން
- ތިބާގެ ކިބައިގައި އެއްވެސް ރަނގަޅު ކަމެއް ނެތްކަމަށް ދެކުން ނުވަތަ ނުވަތަ އަމިއްލަ ނަފްސަށް މާބޮޑަށް ފާޑުކިޔުން
- ރުޅި
- ރުޅި ކޮންޓްރޯލް ކުރަން އުނދަގޫވުން
- ކަންތައްތަކުގައި އަވަސް އަވަހަށް ރުޅިގަދަވުން
- ގިނަވަގުތު ތަކަކަށް ރުންކުރުވުން ދެމިގެން ދިއުން
- މާފުކުރަން އުނދަގޫވެ އަނެކާއާއި މެދު ބަރުހިތެއް ލައިގެން އުޅެވޭކަމުގެ އިހްސާސް ކުރެވުން
- ކަންބޮޑުވުން (ސްޓްރެސް)
- ސްޓްރެސް މެނޭޖްކުރަން އުނދަގޫވުން
- ދިރިއުޅުމުގައި މާބޮޑަށް ބުރަވުމުގެ ސަބަބުން ފޫހިކަން އިހްސާސްކުރެވުން
- މަސައްކަތަށް ފަހު އަރާމުކުރަން އުނދަގޫވުން
- މެދުނުކެނޑި ޕްރެޝަރެއްގެ މަތީގައި ހުރިކަމުގެ އިހްސާސް ކުރެވުން
- ބިރު
- މުސްތަޤްބަލާއިމެދު މާބޮޑަށް ބިރުގަތުން ނުވަތަ ކަންބޮޑުވުން
- މީހުން ކުރިމަތީ ވާހަކަ ދައްކަން ބިރުގަތުން ނުވަތަ މީހުންނާއި އެއްކޮށް އުޅެންޖެހޭ މާހައުލުތަކުގައި މާބޮޑަށް ބިރުހީވުން
- ވަކި ކަމެއްދެކެ މާބޮޑަށް ބިރުގަތުން (ފޯބިއާސް)، ނުވަތަ އެހެންމީހުންނަށް ދޭހަކޮށްދޭން ނޭނގޭ ކަމެއްދެކެ، ނުވަތަ އެހެންމީހަކަށް މާބޮޑު ކަމަކަށް ނުވެދާނެ ކަމެއްދެކެ މާބޮޑަށް ބިރުގަތުން
- ނާކާމިޔާބީ އާއި މެދު ބިރުގަތުން ނުވަތަ އެހެންމީހުން ތިބާ ބަލައިނުގަނެދާނެ ކަމުގެ ބިރުހީވުން
- ލޯބިވާ އެއްޗެއް ނުވަތަ މީހެއް ބީވެގެންދިއުމުން ކުރެވޭ ހިތާމަ
- ލޯބިވާ މީހަކު ނިޔާވުމަށްފަހު އެކަމާއި ކުރިމަތިލާން އުނދަގޫވުން
- ހަޔާތަށް އަންނަ ބަދަލެއްގެ ސަބަބުން ކުރެވޭ ހިތާމަ
- ހަޔާތުގައި ހިނގާ ބޮޑުމަކެއްގެ ސަބަބުން ދިރިއުޅުމުގައި ކުރިއަށް ދާން ދަތިވުން
- ކަމެއް ނުވަތަ މީހެއް ހަޔާތުން އުނިވެގެން ދިޔުމުގެ ސަބަބުން އެއްވެސް އިހްސާސް އެއް ނެތް ކަމުގެ އިހްސާސް ކުރެވުން ނުވަތަ އެކަން ގަބޫލުކުރަން އުނދަގޫވުން
- އެކަނިވެރިކަމުގެ ނުވަތަ އެކަހެރިވެފައިވާ ކަމުގެ އިހުސާސް މާބޮޑަށް ކުރެވުން
- އެކަނިވެރިކަމުގެ ނުވަތަ އެކަހެރިވެފައިވާކަމުގެ އިހުސާސް ކުރެވުން
- މީހުންނާއި ގުޅުން ބަދަހިވާން އުނދަގޫވުން
- އެހެން މީހުންނާ ގުޅުން ކެނޑިފައިވާ ކަމުގެ ނުވަތަ ތިބާ ބަކީވެފައިވާ ކަމުގެ އިހްސާސް ކުރެވުން
- ކަމެއް ގޯސްކޮށް ކުރެވިފައިވާ ކަމުގެ އިހްސާސް ކުރެވުން ނުވަތަ ތިބާގެ ނަފްސާއިމެދު މާބޮޑަށް ލަދުގަނެ ނަފްރަތުކުރުން
- ކުރެވިފައިވާ ކަމެއްގެ ސަބަބުން ދިގުދެމިގެންދާ ލަދު ނުވަތަ މާޔޫސް ކަމުގެ އިހްސާސް
- އަމިއްލަ ނަފްސަށް މާފުކުރުމަށް އުނދަގޫވުން
- މާޒީގައި ކުރެވިފައިވަ ކުށްތަށް ނުވަތަ ވެފައިވާ ހިތާމަތައް ދޫކޮށްލަން އުނދަގޫވުން
ނޭދެވޭ އުޅުންތައް ނުވަތަ އަމަލުތައް
ކުރަން ބޭނުންނުވާ ކަމެއްގައި ވަގުތު ހޭދަކުރުމީ ނުވަތަ އުޅެން ބޭނުންނުވާ ގޮތަކަށް އުޅެވުމީ ކޮންމެ މީހަކަށްވެސް ތަޖުރިބާކުރެވިދާނެ ކަމެކެވެ. އެއީ މާގިނައިން ކެއުން ކަމުގައި ވިޔަސް، މަސްތުވާ ތަކެތި ބޭނުންކުރުން ކަމުގައި ވިޔަސް، ނުވަތަ އެހެން މީހުންނާއި ޒުވާބު ކުރުން ކަމުގައި ވިޔަސް މެއެވެ. ގިނަ ފަހަރު މިއީ މަތީގައި ލިސްޓްކުރިވިފައިވާ ނޭދެވޭ ފިކުރުތަކާއި އިހްސާސްތަކުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން ކުރެވޭ ކަންކަމެވެ.
ތިރީގައި މިވާ ފަދަ ނޭދެވޭ އަމަލުތަކުން ދުރުހެލިވެ، ތިބާގެ އުޅުމަށް ބަދަލުގެނެސް، ތިބާ އިސްކަންދޭން ބޭނުންވާ ކަންތައްތައް ކުރެވޭނެ ގޮތްތައް ހޯދުމަށް އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން އެހީތެރިވެދޭނެއެވެ.
- މަސްތުވާތަކެތި ބޭނުންކުރުން
- މާގިނައިން ނުވަތަ މަދުން ނިދުން
- ކެއުމުގެ އުނދަގޫތައް ނުވަތަ ކެއުމުގައި ދިމާވާ ދަތިތައް
- އާއްމުކޮށް ކުރާކަންތައްތަކުން ނުވަތަ އިޖުތިމާއީ މާހައުލުތަކުން ދުރުހެލިވެ އުޅެން ބޭނުންވުން
- ގަޑިއަށް ފަރުވާތެރިވެގެން ކަންކަން ކުރަން އުނދަގޫވުން ނުވަތަ ކަންކަން ފަހަށް ބަހައްޓަން އާދަވުން
- ތިމާއަށް ނުވަތަ އެހެން ފަރާތަކަށް އަނިޔާ ލިބޭފަދަ ކަންކަން ކުރުން ނުވަތަ ވިސްނާނުލާ ކަންކަން ކުރުން
- ޓެކްނޮލޮޖީގެ އާލާތްތަކަށް މާބޮޑަށް ބަރޯސާވުން
- އެހެންމީހުންނަށް އަނިޔާވެރިގޮތަކަށް މީހާގެ ހަރަކާތްތައް ހުރުން
- ބޭއިޚްތިޔާރުގައި ކަންކަން ކުރެވުން
- އާދައިގެ މަތިން ނުވަތަ ބޭއިޚްތިޔާރުގައި ދޮގުހެދުން
- ހުވަފެނީ ދުނިޔެއެއްގައި މާގިނަ ވަގުތު ހޭދަކުރުން
- ހީނުކުރާ ކަމެއް ދިމާވުމުން އެކަމެއް ބަލައިގަންނަން މާބޮޑަށް އުނދަގޫވުން ނުވަތަ ކުދިކުދި ބަދަލުތަކާއި ކުރިމަތިލާން އުނދަގޫވުން
- އަމިއްލަ ސިއްހަތަށާއި ސާފުތާހިރުކަމަށް އަޅާނުލުން
- އެއްކަމެއް ތަކުރާރުކޮށް ކުރުމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރަން ހުންނަ ކަންކަމަށް ހުރަސްއެޅުން
- އެހެންމީހުންގެ ފަރާތުން އެއްބާރުލުން ނުވަތަ ތިބާއަށް ކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަން މާބޮޑަށް ބޭނުންވުން
- ނާކާމިޔާބީގެ ބިރަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނުފެށުން
- ނިންމުމެއް ނިންމަން މާބޮޑަށް އުނދަގޫވުން
- އަމިއްލަ ނަފްސަށް ގެއްލުން ދިނުން ނުވަތަ އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވުން
ދިރިއުޅުމުގައި ދިމާވާ ގޮންޖެހުން ބޮޑު ކަންކަން ނުވަތަ ހާދިސާތައް
މިދުނިޔެއަކީ އުޅެން އެހާ ފަސޭހަތެނެއް ނޫނެވެ. ހަމައެކަނި ކުރިމަތިލާން ޖެހެނީ އުނދަގޫ ފިކުރުތަކާއި އިހްސާސްތަކާއި އެކަންޏެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ގޮންޖެހުން ބޮޑު ހާދިސާއެއް ނުވަތަ ހާލަތަކާ ވެސް ކުރިމަތިލާން ޖެހުމީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. މީހުންނަށް ކުރިމަތިވެދާނެ އުނދަގޫ ހާދިސާތަކުގެ ތެރެއިން ބައެއް ހާދިސާތައް ތިރީގައި މިވަނީ ލިސްޓުކުރެވިފައެވެ.
- ބޮޑު އެކްސިޑެންޓަކާއި ކުރިމަތިލުން
- ދިގުމުއްދަތަކަށް ދެމިގެންދާ ބައްޔަކާ ނުވަތަ ނުކުޅެދުންތެރިކަމާ ކުރިމަތިލުން
- ލޯބިވާ މީހެއްގެ މަރާއި ކުރިމަތިލުން
- އެހެންތަނަކަށް ދިރިއުޅުން ބަދަލުވުން ނުވަތަ ރިޓަޔަރކުރުން (އުމުރުން ދުވަސްވުމުގެ ސަބަބުން މަސައްކަތްކުރުން ހުއްޓާލުން) ފަދަ ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކާއި ކުރިމަތިލުން
- ޓްރޯމާ ނުވަތަ އަނިޔާވެރިކަން ތަޖުރިބާކުރުން
- ތިބާގެ ނަފްސާއިމެދު އުފެދޭ ސުވާލުތަކަށް ޖަވާބުހޯދުމުގައި ނުވަތަ އެހެން މާހައުލަކަށް ހޭނުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން
- މާލީ ދަތިތައް ކުރިމަތިވުން ނުވަތަ ވަޒީފާ ގެއްލުން ނުވަތަ ނެތުން
- ޖަލަށްލުން ނުވަތަ ގާނޫނީ މައްސަލަތަކާއި ކުރިމަތިލުން
- ހަށިގަނޑަށް ލިބޭ ބޮޑު އަނިޔާއަކަށް ފަހު ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުން
- ގުދުރަތީ ކާރިސާއަކަށްފަހު ދިރިއުޅުން އާރާސްތުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން
- އާއިލާގައި ފޮރުވިފައިވާ ބޮޑުކަމެއް ނުވަތަ ސިއްރެއް ތިބާއަށް އެނގުމަށްފަހު އެކަމަކާއި ކުރިމަތިލާން އުނދަގޫވުން
- ދިރިއުޅުމުގެ ހާލަތަށް އަންނަ ހީވެސް ނުކުރާ ބަދަލުތަކާ ކުރިމަތިލުން
- ރިޓަޔަރމަންޓް ނުވަތަ އުމުރުން ދުވަސްވުމާއި ގުޅުންހުރި އެހެނިހެން ގޮންޖެހުންތަކާއި ކުރިމަތިލުން
- މެދު އުމުރުގައި ދިމާވާ ދަތިތަކާއި ކުރިމަތިލުން
- ދަރިމައިނުވުން ނުވަތަ ބަލިވެ އިނުމާއި ގުޅުންހުރި މައްސަލަތަކާ ކުރިމަތިލުން
- އާ ގައުމެއްގައި ނުވަތަ ސަގާފަތެއްގައި ދިރިއުޅުން ފެށުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން
- އާންމުންގެ ކުރިމަތީގައި ތިބާގެ ލަދުވެއްޓުމަށްފަހު އެކަމުން އަރައިގަތުމުަގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން
- ގުދުރަތީ ކާރިސާތަކުގެ އަސަރުތަކާއެކު އުޅުމުގައި ދިމާވާ ދަތިތައް
- އާއިލާއަށް އަންނަ ބަދަލުތަކާއި ކުރިމަތިލުން
މީހުންނާއި އެކު އޮންނަ ގުޅުންތަކުގައި ދިމާވާ އުނދަގޫ މައްސަލަތައް
އިންސާނުންނަކީ އުފެދުމުގައި ވެސް އިޖުތިމާއީ ގުޅުންތަކަށް ބަރޯސާވާ ބައެކެވެ. އެހެން މީހުންގެ އެހީތެރިކަމާއި ނުލާ އަޅުގަނޑުމެންނީ ސަލާމަތަުން ތިބޭނޭ ބައެއް ނޫނެވެ. އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރަކީ އެކަކު އަނެކަކާއި މުއާމަލާތުކޮށް އެއްކޮށް ކަންކަމުގައި މަސައްކަތްކުރުމެވެ. 8 ބިލިއަން މީހުންނަށް މި ދުނިޔޭގައި ދިރިއުޅެވޭނެ ފަދަ އަޖައިބު ކުރުވަނިވި ޓެކްނޮލޮޖީ އީޖާދުކުރެވިފައިވާކަމީ އަޅުގަނޑުމެން އެއްކޮށް މަސައްކަތްކުރުމުގެ ނަތީޖާއެވެ. ނަމަވެސް އެހެން މީހުންނާއި އެކު އޮންނަ ގުޅުންތަކުގައި މައްސަލައެއް ޖެހުމީ ނުވަތަ އެހެންމީހުންނާއި ގުޅުމެއް ނެތުމަކީ އަޅުގަނޑުމެންނަށް ކުރިމަތިވެގެންދާނެ ވަރަށް ބޮޑު އުނދަގުލެކެވެ. އެހެންމީހުންނާއި އެކު އޮންނަ ގުޅުންތަކުގައި ޖެހޭ މައްސަލަތަކުގައި އިންސާނުންނަށް އުނދަގޫވެ ހިތާމަވެރިކަން މެދުވެރިވާ ސަބަބަކީ އެގުޅުންތަކުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.
އެހެން މީހުންނާއި އޮންނަ ގުޅުންތަކުަގައި ދިމާވާ މައްސަލަތަކާއި އުނދަގޫތައް ހައްލުކުރުމުަގައި އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންގެ އެހީތެރިކަން ބޭނުންނަމަ އަޅުގަނޑުމެންނާއި ގުޅުއްވުން އެދެމެވެ.
- ބްރޭކްއަޕް ނުވަތަ ވަރި އާއި ކުރިމަތުން
- އިތުބާރު ގެއްލުން ނުވަތަ ޚިޔާނާތާއި ގުޅުންހުރި މައްސަލަތައް ދިމާވުން
- މުއާމަލާތްކުރުމުގައި ދިމާވާ ދަތިތައް
- މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ ގުޅުމުގައި ދިމާވާ ގޮންޖެހުންތައް
- އެކަނިވެރިކަމުގެ ނުވަތަ އެކަހެރިވެފައިވާކަމުގެ އިހުސާސް ކުރެވުން
- ކައިވެނީގައި ނުވަތަ ލޯބީގެ ގުޅުމުއްގައި ދިމާވާ މައްސަލަތައް
- އާއިލާގެ ތެރޭގައި ދިމާވާ މައްސަލަތައް
- ޖިންސީ ގުޅުމުގައި ދިމާވާ ގޮންޖެހުންތައް
- މީހުންގެތެރޭގައި ނުވަތަ އިޖުތިމާޢީ މާހައުލުތަކުގައި ހާސްކަން އިހްސާސްވުން
- ގުޅުންތަކުގައި މިންގަނޑުތައް ކެނޑައެޅުމުގައި ނުވަތަ ބައުންޑަރީ ދެމެހެއްޓުމުގައި ދިމާވާ މައްސަލަތައް
- އެކަކު އަނެކަކާއި ދުރުގައި ދިރިއުޅޭ ދެމީހެއްގެ މެދުގައި އޮންނަ ގުޅުމުގައި ދިމާވާ މައްސަލަތައް
- އެކުވެރިކަމުގެ ގުޅުންތަކުގައި ނުވަތަ ލޯބީގެ ގުޅުންތަކުގައި ހަސަދަވެރިކަމާއި ކުރިމަތިލުން
- ގުޅުންތަކުގެ ސަބަބުން ތިބާ ކުރަން ބޭނުންވާ ކަންކަން ނުކުރެވޭ ކަމުގެ އިހްސާސް ކުރެވުން ނުވަތަ ފޫހިކަމުގެ އިހުސާސް ކުރެވުން
- އާއްމުކޮށް މީހުންގެ މެދުގައި އޮންނަ ލޯބީގެ ގުޅުންތަކާއި ތަފާތު ލޯބީގެ ގުޅުމެއްގައި ތިބާ އުޅުމުން ދިމާވާ ގޮންޖެހުންތައް
- އަނބިމީހާ ނުވަތަ ފިރިމީހާގެ އާއިލާއާއި ދެމެދު ދިމާވާ މައްސަލަތައް
- މާޒީގެ ގުޅުންތަކުގައި ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން މިހާރުގެ ގުޅުންތަކުގައި އުފެދޭ މައްސަލަތައް ހައްލުކުރުން
ސްކޫލުގައި ނުވަތަ ޔުނިވަރސިޓީގައި ދިމާވާ މައްސަލަތައް
ސްކޫލްތަކާއި ޔުނިވާސިޓީތަށް ބައްޓަން ކުރެވިފައިވަނީ ވަކި ހުނަރުތަކެއް ހުންނަ ކުދިންނާއި މީހުން އަނެއް ބަޔަކަށްވުރެ ފަސޭހައިން ކުރިއެރޭނެ ފަދަ ގޮތަކަށެވެ. މިގޮތުން، ދިގު މުއްދަތަކަށް ކަންތައްތަކަށް ސަމާލުކަން ދިނުމުގެ ގާބިލިއްޔަތުކަން ހުރުމާއި، ވަކި ގޮތަކަށް ވިސްނައިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ފަދަ ހުނަރުތަކަކަކީ، މިފަދަ މާހައުލުތަކުގައި ރަނގަޅު ނަތީޖާއެއް ގެނައުމަށް ބޭނުންވާ ހުނަރުތަކެވެ. ނަމަވެސް މިނޫން ތަފާތު ހުނަރުތަކެއް ތިބާގެ ކިބައިގައި ހުރިނަމަ، ސްކޫލަކީ ނުވަތަ ޔުނިވަރސިޓީއަކީ ވަރަށް ގޮންޖެހުން ބޮޑު ތަނަކަށް ވެގެން ހިނގައިދާނެއެވެ.
ތިބާގެ ކިބައިގާ ހުރި ހާއްސަ ހުނަރުތަކަކީ ކޮބައިކަން ދެނެގަނެ، ކިޔެވުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް ބޭނުންކުރެވޭނެ އުކުޅުތައް ދެނެގަތުމުގައި، އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
- އުނގެނުމުގެ ނުކުޅެދުންތެރިކަން ނުވަތަ ކުރިމަތިވާ ގޮންޖެހުންތައް
- ކަންތައްތަކުގައި ސަމާލުކަން ބެހެއްޓުމަށް އުނދަގޫވުން
- ކިޔެވުމާއި ގުޅުހުންހުރި ކަންބޮޑުވުންތައް ނުވަތަ ރަނގަޅު ނަތީޖާއެއް ނުލިބިދާނެ ކަމުގެ ބިރު
- ބުލީކުރުން ނުވަތަ އިޖުތިމާއީ ގޮތުން ބާކީވުން
- ކޮލެޖް ނުވަތަ ޔުނިވަރސިޓީ ހާޔަތް ފެށުމުގައި ދިމާވާ ގޮންޖެހުންތައް
- އުނގެނުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން އަމިއްލަ ނަފްސު އަގުވަޒަން ކުރުމުގައި ދިމާވާ ދަތިތައް
- އެހެންކުދިންގެ ފަރާތުން އެކުދިން ބުނާ ކަމެއްކުރުމަށް ބާރުފޯރުވުން
- މުސްތަޤްބަލުގައި ކުރާނެ މަސައްކަތާއި މެދު ކަންބޮޑުވުން
- ޓީޗަރުން ނުވަތަ ސުކޫލުގެ ނުވަތަ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދެމެދު ދިމާވާ މައްސަލަތައް
- ކިޔެވުމުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން
- ކިޔެވުމުގައި ކުރިއަށްދާނެ ދާއިރާއާއި މެދު ނިންމުންތައް ނިންމުން
- ނާކާމިޔާބީ ނުވަތަ ތަކުރާރުކޮށް ކުރިމަތިވާ ނާކާމިޔާބީތަކާ ކުރިމަތިލުން
- ކިޔެވުމުގެ މާޙައުލުގައި ތަފާތުކުރުމާއި ކުރިމަތިލުން
- އޮންލައިންކޮށް އުނގެނުމުގެ ނުވަތަ ކިޔުވުމާއި ގުޅުންހުރި ޓެކްނޮލޮޖީތަށް ބޭނުންކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް
- ކިޔެވުމުގައި ދިމާވާ ކަންކަމުގެ ސަބަބުން މާޔޫސްކަމާއި ކުރިމަތިލުން
- އެކަޑަމިކް އިމްޕޯސްޓަރ ސިންޑްރޯމް އާއި ކުރިމަތިލުން (ތިމާގެ ކިބައިގައި ހަގީގި ގާބިލިއްޔަތު ކަމެއް ނެތް ކަމަށް ގަބޫލުކުރެވި، ތިމާގެ ކާމިޔާބީތަކަކީ އިއްތިފާގަކުން ލިބިފައިވާ ނަސީބުކަން ގަބޫލުކުރެވުން)
- އިތުރު ހަރަކާތްތަކުގައި ދިމާވާ ޕްރެޝަރާއި ކުރިމަތިލުން
- ދޮށީ އުމުރެއްގެ ދަރިވަރެއްގެ ގޮތުގައި ކިޔެވުމުގެ މާހައުލަށް އެނބުރި އައުމުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން
ވަޒީފާގައި ނުވަތަ މަސައްކަތުގެ މައިދާނުގައި ދިމާވާ މައްސަލަތައް
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދުވަހުގެ ބޮޑު ބައި ހޭދަކުރަނީ މަސައްކަތު މާހައުލުގައި ނުވަތަ އާމްދަނީ އެއް ލިބޭ ވަޒީފާއެއްގައެވެ. ވަޒީފާގެ މާހައުލުގައި ގޯހުން ގޮސްދާނެ ކަންކަން ގިނައެވެ. އަޅުގަނޑުމެންގެ ދުވަހުގެ ގިނަވަގުތު ހޭދަކުރާ ތަނުގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަމަކުން އަޅުގަނޑުމެންނަށް ޔަގީނުންވެސް އަސަރުކުރާނެ އެވެ.
މަސައްކަތުގައި އެއްވެސް އުނދަގުލެއް ވާނަމަ އަޅުގަނޑުމެންގެ ކްލިނިކަލް ސައިކޮލޮޖިސްޓުންނާ ނުވަތަ އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޯޗާ ބައްދަލުކުރެވޭނެއެވެ.
- ވަޒީފާއާ ގުޅުންހުރި ސްޓްރެސް ނުވަތަ ބާންއައުޓް (ގިނަ ދުވަސްތަކަކަށް ސްޓްރެސް ނުވަތަ ހާސްކަން އިހްސާސްވުމުގެ ސަބަބުން ވަޒީފާއާއި މެދު ފޫހިކަން އިހްސާސްވުން)
- މަސައްކަތާއި ދިރިއުޅުމުގައި މިންގަނޑުތައް ކަނޑައެޅުމަށް އުނދަގޫވުން
- ވަޒީފާ ގެއްލުމާއި ނުވަތަ ވަޒީފާ ނެތުމާއި ގުޅިގެން ދިމާވާ ގޮންޖެހުންތައް
- އެކުގައި މަސައްކަތްކުރާ މީހުން ނުވަތަ ބޮޑުން ނުވަަތަ ވެރިންނާއި ދެމެދު ދިމާވާ މައްސަލަތައް
- މަސައްކަތުގެ މާހައުލަށް އަންނަ ބަދަލުތަކާއި ކުރިމަތިލުން
- މަސައްކަތުގައި ތަފާތުކުރުންތަކާއި ކުރިމަތިލުން
- އަދާކުރާ ވަޒީފާއިން ހިތްހަމަޖެހުން ހޯދުމުގައި ދިމާވާ ކަންކަން
- ވަޒީފާގެ އާ ރޯލްތަކަށް ނުވަތަ ޒިންމާތަކަށް ހޭނުމުގައި ދިމާވާ މައްސަލަތައް
- ވަޒީފާގައި މަސައްކަތްކުރެވޭ ގޮތާއިމެދު އުފެދޭ ކަންބޮޑުވުން ނުވަތަ ޕްރޮމޯޝަންތަކާ ގުޅިގެން ދިމާވާ މައްސަލަތައް
- މަސައްކަތުގެ މާހައުލުގައި ބުލީކުރުމާއި ކުރިމަތިލުން
- މަސައްކަތުގައި ތިމާގެ އެއްވެސް ބޭނުމެއް ނެތްކަމުގެ ނުވަތަ ކުރާ މަސައްކަތް ބަލައިނުގަންނެ ކަމުގެ އިހުސާސް ކުރެވުން
- ފްރީލާންސިންގ ނުވަތަ އަމިއްލައަށް މަސައްކަތެއް ކުރުމުގެ ގޮންޖެހުންތަކާއި ކުރިމަތިލުން
- ވަޒީފާއެއްގައި ތާށިވެފައިވާ ކަމުގެ އިހްސާސްކުރެވުން
- ވަޒީފާގެ ސިޔާސަތުގައި ނުވަތަ ވަޒީފާގައި އެކަކު އަނެކަކާއި އޮންނަ ގުޅުމުގައި އުފެދޭ މައްސަލަތައް
- ކުރާ މަސައްކަތަކީ ތިމާއާއި އެކަށީގެންނުވާ މަސައްކަތެއް ކަމަށް ދެކެވުން
- މަސައްކަތުގެ މާހައުލުގެ ސުލޫކީ މިންގަނޑުތަކަށް އަމަލުކުރުމުގައި ދިމާވެދާނެ މައްސަލަތައް
- ދިގުދެމިގެންދާ ބްރޭކަކަށްފަހު މަސައްކަތަށް އެނބުރި އައުމުން އުފެދިދާނެ މައްސަލަތަކާއި ކުރިމަތިލުން
- ވަޒީފާ ނުވަތަ މަސައްކަތާއި މެދު އޮންނަ ޝައުގު ނެތް ކަމުގެ ނުވަތަ ވަޒީފާއާއިމެދު ފޫހިވެފައިވާ ކަމުގެ އިހްސާސްކުރެވުން
- މަސައްކަތުގެ މާހައުލުގައި ހަސަދަވެރިކަމާއި ކުރިމަތިލުން
- ރިމޯޓް ވޯކް (އޮންލައިންކޮށް މަސައްކަތް) ކުރުމުގައި ނުވަތަ އާ މަސައްކަތުގެ މާހައުލުތަކަށް ފަރިތަވުމާއި ގުޅުންހުރި ގޮންޖެހުންތައް
އެޕޮއިންޓްމެންޓް ހަމަޖައްސާލެއްވުމަށް
މަތީގައި ބަޔާންކޮށްފައިވާ އެއްވެސް މައްސަލައެއްގައި ކްލިނިކަލް ސައިކޮލޮޖިސްޓަކާއި ވާހަކަ ދައްކާލަން ބޭނުންވާނަމަ އެޕޮއިންޓްމެންޓެއް ހަމަޖެއްސެވުމަށް އަޅުގަނޑުމެންނާއި ގުޅުއްވުން އެދެމެވެ. އަޅުގަނޑުމެންނަށް އީމެއްލް ކުރެއްވުން (info@resolve.my) ނުވަތަ ވަޓްސްއެޕް ކުރެއްވުން (60125089910+) އެދެމެވެ.

