ކްލިނިކަލް ސައިކޮލޮޖިސްޓުންނަކީ ނަފްސާނީ ބަލިތައް ދެނެގަނެ އެބަލިތައް ޑައިގްނޯސް ކުރުމުގެ (އެބަލިތައް ހުރިތޯ ކަށަވަރުކުރުމުގެ) ތަމްރީނު ލިބިފައިވާ ބައެކެވެ. މިގޮތުން ނަފްސާނީ ބައްޔައްގެ ޑައިގްނޯސިސް (އެބަލި ހުރިކަމުގެ ތަތްގަނޑު) އާންމު ގޮތެއްގައި ލިބެނީ ސައިކްރިއޭޓިސްޓެއް ނުވަތަ ސިއްޙީ ޑޮކްޓަރެއްގެ ފަރާތުންނެވެ.
ما هو التشخيص النفسي وما هو الدليل التشخيصي والإحصائي للاضطرابات العقلية الخامس (DSM-5) والتصنيف الدولي للأمراض الإصدار 11 (ICD-11)؟
ދުނިޔޭގެ އެކި ކަންކޮޅުތަކުގަޔާއި އަދި ރާއްޖޭގައި ބޭނުންކުރާ މައިގަނޑު ދެ ޑައިގްނޯސްޓިކް ސިސްޓަމަކީ:
- ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބައިނަލްއަޤްވާމީ ބަލިތަކުގެ ކްލަސިފިކޭޝަން (އައިސީޑީ-11)
- އެމެރިކަން ސައިކިއޭޓްރިކް އެސޯސިއޭޝަންގެ ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރސް (ޑީއެސްއެމް-5)
ބައެއް ގައުމުތަކުގައި އެބައެއްގެ އަމިއްލަ ޑައެގްނޯސްޓިކް ސިސްޓަމްތައް ގެންގުޅެއެވެ. މިސާލަކަށް ޗައިނާއިން ބޭނުންކުރަނީ ޗައިނީސް ކްލަސިފިކޭޝަން އޮފް މެންޓަލް ޑިސްއޯޑަރސް (ސީސީއެމްޑީ-3) އެވެ.
ޑީއެސްއެމް-5 އަދި އައިސީޑީ-11 ގައި ނަފްސާނީ ބަލިތަކާއި އެ ބަލިތަކާ ގުޅުން ހުރި އަލާމާތްތައް ލިސްޓުކުރެވިފައިވެ އެވެ. ޑައިގްނޯސިސް ބޭނުންކުރާ ޑޮކްޓަރަކާ ނުވަތަ ސައިކޮލޮޖިސްޓަކާ ބައްދަލުވެއްޖެނަމަ، އެބޭފުޅުން އާއްމުގޮތެއްގައި ސުވާލުތައް ބައްޓަންކުރާނީ ވަކި ޑައިގްނޯސިސްއަކަށް ޝަރުތުހަމަވޭތޯ ކަނޑައެޅުމަށެވެ. ނަފްސާނީ އުދަނގުލެއްގެ އަލާމާތްތައް އެކަށީގެންވާ އަދަދަކަށް ހުރެ، އެ އަލާމާތްތައް އެހެން ބައްޔަކުން ދެނެނުގަނެވިއްޖެނަމަ، ދެން އެ ޑައިގްނޯސިސް (ބަލިހުރިކަމުގެ ތަތްގަނޑު) ލިބޭނެއެވެ.
ތިރީގައި މިވަނީ އާންމު ނަފްސާނީ ބަލިތަކުގެ ބައެއް ޑައިގްނޯސިސްތަކެވެ. ކޮންމެ ޑައިގްނޯސިސްއެއްގެ ކައިރީގައިވާ ޕަސެންޓުން ދައްކުވައިދެނީ އުމުރުގެ ކޮންމެވެސް ހިސާބަކުން އެ ޑައިގްނޯސިސް ލިބޭނެ މީހުންގެ ނިސްބަތެވެ.
ތިރީގައި މިވާ އަދަދުތަކަކީ މައިގަނޑު ގޮތެއްގައި އެމެރިކާގެ އާބާދީއަށް ނިސްބަތްކޮށް ކުރެވިފައިވާ ދިރާސާތަކުން ނެގިފައިވާ އަދަދުތަކެކެވެ.
އާންމު ނަފްސާނީ ޑައިގްނޯސިސްތައް:
- މޫޑް ޑިސްއޯޑަރސް
- ޑިޕްރެޝަން (%17)
- ޑިސްތީމިއާ (%2.5)
- ހާސްވުމުގެ އުނދަގޫތައް
- ޖެނެރެލައިޒްޑް އެންޒައިޓީ ޑިސްއޯރޑަރ (%5.7)
- ޕެނިކް ޑިސްއޯޑަރ (%4.7)
- ތަފާތު ފޯބިއާތައް (%12.5)
- ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ (%12.1)
- އޯސީޑީ (%1.6)
- ޕީޓީއެސްޑީ (%6.8)
- ސްކިޓްޒޮފްރޭނިއާ (%1)
- ނިއުރޮޑިވެލޮޕްމެންޓް ޑިސްއޯރޑަރސް
- ނިއުރޮކޮގްނިޓިވް ޑިސްއޯރޑަރސް
- ޑިމެންޝިއާ (60 އަހަރުންމަތީގެ މީހުންގެ މެދުގައި %8)
- ސިކުނޑިއަށް ލިބޭ ގެއްލުންތައް
ނަފްސާނީ ޑައިގްނޯސިސް އެއް މީހަކަށް ދެވޭ ހާލަތްތަކަކީ ކޮބާ?
ޝެއަރ ރިޒޯލްވްގައި އަޅުގަނޑުމެން ނަފްސާނީ ޑައިގްނޯސިސް އެއް މީހަކަށް ދޭނީ އެކަމުގެ ސަބަބުން އަމަލީ ފައިދާއެއް އެބަލި މީހާއަށް ލިބޭ ވަގުތުތަކުގައެވެ. މިގޮތުން އެންމެ އާއްމުކޮށް ޑައެގްނޯސިސްގެ ސަބަބުން ލިބޭ އަމަލީ ފައިދާއަކީ، އިންޝުއަރެންސް ކުންފުނީގެ ކަވަރެޖް ތެރަޕީ ސެޝަންތަކަށް ލިބުމެވެ. އަދި ބަލީގެ ސަބަބުން ސްކޫލްގެ ނުވަތަ ޔުނިވަރސިޓީގެ އިމްތިހާނު ވަގުތަށް ނިންމުމަށް ހުރަސްއެޅޭނަމަ، ސްކޫލް ނުވަތަ ޔުނިވަރސިޓީގެ ފަރާތުން އިތުރު ވަގުތު ހޯދަން އެދުމަށް ޑައެގްނޯސިސް ބޭނުންކުރެވޭނެއެވެ.
އިނގިރޭސިވިލާތް އަދި ނޯވޭ ފަދަ ގައުމުތަކުގައި ސައިކޭޓްރިކް ޑައިގްނޯސިސް އެއް އެމީހަކަށް ދެވިފައިވާނަމަ، ހާއްސަ ބޯހިޔާވަހިކަން އަދި ނުކުޅެދުންތެރިކަމުގެ އިނާޔަތްތައް ލިބެއެވެ. ހިތާމައަކީ މި ފެންވަރުގެ އެހީ އޭޝިއާގެ ގިނަ ގައުމުތަކުގައި ނުލިބުމުގެ އިތުރުން، ނަފްސާނީ ޑައިގްނޯސިސްއާ މެދު ޚިޔާލުތަފާތުވުން އުފެދިފައިވާތީއެވެ.
ސައިކިއޭޓްރިކް ޑައިގްނޯސިސްގެ ސަބަބުން ދިމާވާ ބައެއް މައްސަލަތައް
ސައިކިއޭޓްރިކް ޑައިގްނޯސިސްގެ މައިގަނޑު މައްސަލައަކީ، ޑައިގްނޯސިސްއެއް ލިބިފައިވާ މީހާ މުޖުތަމައުގައި ބާކީވުމެވެ. އެމީހަކަށް ޑައެގްނޯސިސް އެއް ލިބިފައިހުރިކަން އެނގޭ ހިސާބުން ފެށިގެން، އެމީހަކީ ކޮންމެސް ކަމެއް އުނި މީހެއްގެ ގޮތުގައި ދެކެވުމެވެ.
ކުރީގެ ޑޮކްޓަރުން ގަބޫލުކުރަމުން އައީ، ނަފްސާނީ ބަލިތައް ކުރިމަތިވާ ސީދާ ސަބަބު ހާމަކޮށްދޭ ކަންތައްތަކެއް އިންސާނުންގެ ހަށިގަނޑުގައި ހުންނަ ކަމަށެވެ. ނަމަވެސް އަދުގެ ދިރާސާތަކުން ދައްކާދޭގޮތުގައި، ޑިޕްރެޝަން، ސްކިޓްޒޮފްރެނިއާ ނުވަތަ ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ ފަދަ ބަލިތަކަށް ބަޔޮލޮޖިކަލް ސަބަބެއް ފެނިފައިނުވެއެވެ. ގިނަ ސައިކިއޭޓްރިކް ޑައިގްނޯސިސްތަކަކީ، އެއްގޮތްވާ ބަލިތަކުގެ އަލާމާތްތައް ބައިބަޔަށް ބެހި ދެވިފައިވާ ނަންތަކެކެވެ. މިސާލަކަށް، މާބޮޑަށް ދެރަވުމާއި، ހަކަތަ ދަށްވުމާއި، ނިދި މަދުވުމާއި، ކެއުމަށް ޝައުގުވެރިކަން ކުޑަވުން ފަދަ އަލާމާތްތަކުގެ މައްޗަށް ބިނާކޮށް ޑިޕްރެޝަން ޑައިގްނޯސް ކުރެވެއެވެ.
ނިއުރޯކޮގްނިޓިވް އަދި ނިއުރޯޑިވެލޮޕްމަންޓަލް ޑައިގްނޯސިސް (މިސާލަކަށް ޑިމެންޝިއާ ނުވަތަ އޯޓިޒަމް ޑައިގްނޯސިސް) ލިބިފައިވާ މީހުންގެ މެދުގައި، އެބަލިތަކަށް އިޝާރާތްކުރާ ތަފާތުތަކެއް އެމީހުންގެ ހަށިގަނޑުގައި ހުރި ނަމަވެސް، އެ ޑައިގްނޯސިސް ލިބޭ ކޮންމެ މީހެއްގެ ބަލީގެ ތަޖުރިބާ ތަފާތެވެ.
ގިނަ މާހިރުން މިހާރު އެއްބަސްވާ ގޮތުގައި ނަފްސާނީ މައްސަލަތަކަކީ، އަޅުގަނޑުމެންގެ ހަޔާތުގެ ތަޖުރިބާތަކާއި އަޅުގަނޑުމެންގެ މާހައުލުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. މިކަމާ ގުޅުން ހުރި އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންނަމަ މިޕޭޖުގެ ތިރީގައިވާ ނިއުޔޯކް ޓައިމްސްގެ ލިޔުމަށް ބައްލަވާލާށެވެ. މަޝްހޫރު ޖާނަލް ނޭޗާގައި ޝާއިރުކޮށްފައިވާ މި ލިޔުމުގައި، ޑައިގްނޯސް ކުރުމުގައި ދިމާވާ މައްސަލަތަކާއި ދިރާސާވެރިން ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ގޮތާ ބެހޭ ގޮތުން ވާހަކަ ދަކެވިފައިވެއެވެ. އެލިޔުން ވެސް މިޕޭޖުގެ ތިރިން ފެންނާނެއެވެ.
އިނގިރޭސި ސައިކޮލޮޖިކަލް ސޮސައިޓީއިން ލަފާދެނީ ވީހާވެސް ބޮޑަށް ޑައިގްނޯސް ކުރުމުން ދުރުހެލިވުމަށެވެ. ‘ޑިޕްރެޝަން’ ގެ ޑައިގްނޯސިސްއެއް ލިބިފައިވާ މީހަކީ އެޑައިގްނޯސިސްއެއް ލިބިފައިވާ އެހެން މީހަކާ ވަރަށް ތަފާތު މީހަކަށް ވެދާނެއެވެ.
ޝެއަރ ރިޒޯލްވްގައި އަޅުގަނޑުމެން ސައިކިއޭޓްރިކް ޑައިގްނޯސިސް ވީހާވެސް މަދެއްކޮށް ބޭނުން ކުރަނީ، ކުރިންބަޔާން ކުރެވުނެ ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ. އެއީ ޑައިގްނޯސް ކުރުމުން ދިމާވާ ދަތިތަކާއި އެޑައިގްނޯސިސް އެއް އޮތުމުން ލިބޭ ފައިދާގެ މަދުކަމުންނެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންކުރަނީ ތިރީގައި ކުރުކޮށް ބަޔާންކޮށްފައިވާ ‘ފޯރމިއުލޭޝަން’ އެވެ. އެހެންނަމަވެސް ޑައިގްނޯސިސްއާ ބެހޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންވާނަމަ، އަޅުގަނޑުމެން އެކަމަށް މަރުހަބާކިޔަމެވެ.
ޑައިގްނޯސިސްގެ ބަދަލުގައި ފޯމިއުލޭޝަން
އިނގިރޭސިވިލާތުގެ ސައިކޮލޮޖިކަލް ސޮސައިޓީއިން ލަފާދެނީ ޑައިގްނޯސް ކުރުމުގެ ބަދަލުގައި ‘ފޯރމިއުލޭޝަން’ ބޭނުންކުރުމަށެވެ. ފޯމިއުލޭޝަނަކީ ތިބާ އަޅުގަނޑުމެންނަށް ދޭ މައުލޫމާތަށް ބިނާކޮށް، ތިބާއަށް ކުރިމަތިވެފައިވާ މައްސަލަ ދެނެގަނެ އެކަމަށް ހައްލެއް ހޯދުމެވެ. ތިބާ އާއި ފުރަތަމަ ބައްދަލުވުމަށްފަހު، ތިބާއަށް ދިމާވެފައިވާ މައްސަލައާއި ބެހޭ މައުލޫމާތު އެއްކުރުމުގެ ގޮތުން ސުވާލުތަކެއް ކުރެވޭނެއެވެ. ދިމާވެފައިވާ ދަތިތަކުގެ ސަބަބު ރަނގަޅަށް ދެނެގަތުމުގެ ގޮތުން ތިބާގެ އެއްބަސްވުމާއިއެކު، މާޒީގެ ބައެއް ތަޖުރިބާތަކާއި، ތިބާގެ ކިބައިގައިހުރި ރަނގަޅު ސިފަތަކުގެ ވާހަކައާއި، އަދި ތިބާގެ ހަޔާތަށް ބަދަލެއްއައިސްފައިވާ ނަމަ އެބަދަލުތަކުގެ ވާހަކަވެސް ދެކެވޭނެއެވެ. ހިއްސާ ކުރާ މައުލޫމާތު ބޭނުންކޮށްގެން ތިބާއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބު އަޅުގަނޑުމެން ދެނެގަނެ ތިބާއަށް ހުށެއެޅޭނެއެވެ. ހުށައެޅޭ ސަބަބާއިމެދު ތިބާ އެއްބަސް ނުވާނަމަ، ތިބާގެ ހިޔާލާއި އެއްގޮތަށް ބަދަލުކުރެވޭނެއެވެ.
މި އަމަލުގެ ތެރެއިން ތިބާއަށް ދިމާވެފައިވާ އުނދަގޫތަކުގެ ހައްލު އަޅުގަނޑުމެންނަށް ދެނެގަނެވި އެދަތިތަކާއިމެދު ކަންކުރާނެ ގޮތް ތިބާއަށް ދަސްކޮށްދެވޭނެއެވެ.
އަދި ދަތިތަކަށް ހައްލު އަންނަމުންދާ ވަރަކަށް ‘ފޯރމިއުލެޝަން’ ބަދަލުކުރެވޭނެއެވެ.
ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (ސީބީޓީ) ބޭނުންކުރެވިފައިވާ ފޯރމިއުލޭޝަންގެ މިސާލު:
މިއީ ސީބީޓީގައި ބޭނުންކުރެވިދާނެ ފޯމިއުލޭޝަނެއްގެ ކުޑަ މިސާލެކެވެ. ސީބީޓީއަކީ ތެރަޕީގައި މަގުދައްކައިދޭ ފަލްސަފާއެކެވެ. މި މިސާލުގައި ބަޔާންކުރެވިފައިވާ މީހަކީ އަޅުގަނޑުމެންގެ ގާތަށް އަންނަ އަސްލު ބަލި މީހެއް ނޫނެވެ. ތިބާގެ ހުއްދަނެތި ތިބާގެ ވާހަކަ މިފަދަ ގޮތަކަށް ދެއްކުމީ އަޅުގަނޑުމެންގެ ސުލޫކީ މިންގަނޑުތަކާއި ހިލާފުކަމެކެވެ.
އާދަމްގެ އުމުރުން 28 އަހަރެވެ. ފާއިތުވި މަސްތަކުގައި އޭނާ މާބޮޑަށް ދެރަވެ ހާސްކަމުގެ އިހުސާސްތަކާ ކުރިމަތިލާން ޖެހުނެވެ. އޭނާ މަސައްކަތް ކުރަނީ ވާދަވެރި އޮފީސް މާހައުލެއްގައެވެ. އެތަނުގައި ރަނގަޅު ނަތީޖާއެއް ނެރެ، އޭނާގެ ސުޕަވައިޒަރުންގެ އުންމީދުތަކާއި އެއްފެންވަރަށް މަސައްކަތްކުރުމަށް އާދަމްއަށް އަބަދުމެ ބާރުއެޅެއެވެ. އޮފީސް މާހައިލުން އަންނަ ޕްރެޝަރުގެ ސަބަބުން އާދަމްއަށް ނިދުމަށް ދަތިވެ، ރުޅިގަދަވެ، މަސައްކަތުގައި ސަމާލުކަން ދޭން އުނދަގޫވިއެވެ.
ސައިކޮލޮޖިސްޓް ކުރި ސަވާލުތަކުގެ ތެރެއިން އާދަމްގެ އާއްމު ދިރިއުޅުމުގެ ކަންކަމާއި، ފިކުރުތަކާއި، އިހުސާސްތަކާއި، ތަޖުރިބާތަކުގެ މައުލޫމާތު އެއްކުރެވުނެވެ. މިކަމުގެ ތެރެއިން ސައިކޮލޮޖިސްޓް ވަނީ އާދަމްގެ ހާސްކަމާއި ކަންބޮޑުވުމަށް މަގުފަހިކުރުވާ ސަބަބުތަކެއް ފާހަގަކޮށްފައެވެ.
އާދަމް ބޮޑުވެގެންއައީ ހުރިހާކަމައްގައިވެސް ކާމިޔާބީއަކީ އެންމެ މުހިއްމުކަމެއް ކަމަށް ދެކޭ އާއިލާއެއްގައެވެ. އޭނާގެ މަންމަ އާއި ބައްޕަ އުންމީދުކުރާ ގޮތް ހާސިލް ނުވެއްޖެނަމަ އޭނާއަށް ފާޑުކިޔުން އަމާޒުވެއެވެ. އޭނާއަށް ގަބޫލުކުރެވުނީ މީހުންގެ ރުހުމާއި ލޯބިލިބި، މީހާ އަގުހުރި މީހެއްގެ ގޮތުގައި ދެކެވެނީ ކާމިޔާބު މީހަކަށް ވެގެންނެވެ. މިއީ އާދަމްގެ އަމިއްލަ ނަފްސަށާއި އަދި މަސައްކަތުގެ މައިދާނުގައިވެސް އޭނާއަށް ނޭދެވޭ ޚިޔާލުތައް ގެނުވާ ސަބަބުކަމަށް ބެލެވެއެވެ. އަދި މިފަދަ ހާލަތްތަކުގައި “އަހަންނަކީ ރަނގަޅު މީހެއް ނޫން” ނުވަތަ “އަހަންނެއް ދުވަހަކުވެސް ކާމިޔާބެއް ނުވާނެ” މިފަދަ ގޮތަކަށް އޭނާއަށް ވިސްނޭކަމަށް ބެލެވެއެވެ. މި ޚިޔާލުތަކުގެ ސަބަބުން މީހާ މާބޮޑަށް ދެރަވެ، ހާސްކަމާއި ސްޓްރެސްގެ އިހުސާސްތައް ކުރެވި އެހެން މީހުންގެ ކުރިމަތީގައި އޭނާގެ އަގު ވަޒަންކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާގެ ކަންބޮޑުވުމާއި ހާސްކަން އިތުރަށް ގޯސްވިއެވެ.
އަދި ކުރާ މަސައްކަތުން ނުބައިނަތީޖާއެއް ނުކުމެދާނެ ކަމުގެ ބިރަށް އުނދަގޫ މަސައްކަތްތަކުން އޭނާ ދުރުހެލިވިއެވެ. އަދި އުނދަގޫ މަސައްކަތްތަކުން ދުރުހެލިވުމުގެ ސަބަބުން ތިމާއަކީ ގާބިލް މީހެއް ނޫން ކަން ގަބޫލުކުރަން އިތުރަށް ފަސޭހަވިއެވެ.
އާދަމްއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދުމަށް ސީބީޓީ ބޭނުން ކޮށްގެން ސައިކޮލޮޖިސްޓް ޕްލޭނެއް އެކުލަވާލި އެވެ.
އާދަމްގެ އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ބަދަލުކުރުމުގެ ގޮތުން، އަންނަ ހިޔާލުތައް އެއަށްވުރެ ރަނގަޅު ހިޔާލުތުކަކަށް ބަދަލުރުމެގެ މަސައްކަތް ސައިކޮލޮޖިސްޓާއި އެކު ކުރެވުނެވެ. މި ފިކުރުތަކުގެ ބަދަލުގައި، “އަހަންނަށް ކުރިން ކާމިޔާބު ލިބިފައިވޭ، އަދި އަނެއްކާވެސް އެކަން ކުރެވޭނެ” ނުވަތަ “ކޮންމެ މީހަކަށް ވެސް ގޯސް ހެދޭ, އެގޯހުން ފިލާވަޅެއް ދަސްވުމީ ތިމާގެ ކުރިއެރުމަށް ލިބޭ ހިތްވަރެއް” – މިފަދަ ގޮތަށް މެދުމިންގަނޑެއްގައި ހިޔާލާއި ވިސްނުން ބައްޓަންކުރަން ސައިކޮލޮޖިސްޓް އެހީވެދިނެވެ.
އާދަމް އާއި ސައިކޮލޮޖިސްޓް އެކުލަވާލީ، ވަޒީފާގައި ދިމާވާ އުނދަގޫ މަސައްކަތުން ދުރުހެލިވުމުގެ ބަދަލުގައި އެކަންތައްތަކާއި މަޑުމަޑުން ކުރިމަތިލާން ޖެހޭ ޕްލޭނެކެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންތައްތައް މަދުކުރުމުގެ ގޮތުން ހާސިލްކުރެވޭނެ ލަނޑުދަނޑިތައް ކަނޑައެޅުމާއި، މަސައްކަތާއި ދިރިއުޅުމުގެ މިންގަނޑުތަކެއް ޤާއިމުކުރުމަށް ސައިކޮލޮޖިސްޓް އެހީވެދިނެވެ. މިކަމުގެ ތެރެއިން، އާދަމްއަށް އިތުރު ކުރިއެރުންތަކެއް ލިބި އޭނާގެ ދިރިއުޅުމަށް ދިމާވެފައިވާ ދަތިތައް ލުއިވެގެން ދިޔައެވެ.
އެކްސެޕްޓެންސް އެންޑް ކޮމިޓްމެންޓް ތެރަޕީ (އެކްޓް) ބޭނުންކުރެވިފައިވާ ފޯރމިއުލޭޝަންގެ މިސާލު:
މިއީ އެކްޓްގައި ބޭނުންކުރެވިދާނެ ފޯމިއުލޭޝަނެއްގެ ކުޑަ މިސާލެކެވެ. އެކްޓްއަކީ ތެރަޕީގައި މަގުދައްކައިދޭ ފަލްސަފާއެކެވެ. މި މިސާލުގައި ބަޔާންކުރެވިފައިވާ މީހަކީ އަޅުގަނޑުމެންގެ ގާތަށް އަންނަ އަސްލު ބަލި މީހެއް ނޫނެވެ. ތިބާގެ ހުއްދަނެތި ތިބާގެ ވާހަކަ މިފަދަ ގޮތަކަށް ދެއްކުމީ އަޅުގަނޑުމެންގެ ސުލޫކީ މިންގަނޑުތަކާއި ހިލާފުކަމެކެވެ.
އައިޝާ އަކީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. ވަޒީފާ ކަމުނުދިއުމުގެ އިތުރުން، ރައްޓެހިން ގެންގުޅެން އުނދަގޫވެއެވެ. މާޒީގައި ނާކާމިޔާބުވެފައިވާ ގޮތާމެދު ވިސްނި، ދުވަހަކުވެސް އުފާވެރިކަމެއް ނުލިބިދާނެތީ ކަންބޮޑުވެއެވެ.
އައިޝާއާއި އެކު އޭނާގެ ސައިކޮލޮޖިސްޓް މަސައްކަތްކުރަމުން އައީ އައިޝާގެ ވިސްނުން ރަނގަޅުގޮތެއްގައި ބައްޓަންކުރުމަށެވެ. އަދި އޭނާއަށް އިހްސާސްކުރެވޭ ހިތާމައާއި ދިރިއުޅުމުގެ ކަންކަމުގައި މެދުވެރިވާ އޮޅުން ބޮޅުމުގެ ސަބަބު ދެނެގަތުމަށެވެ. މިއީ އެމީހުން ފާހަގަކުރި ބައެއް ކަންތައްތަކެވެ:
އައިޝާ ގަބޫލުކުރާ ގޮތުގައި އޭނާގެ އަމިއްލަ ނަފްސާއި ދިރިއުޅުމާ މެދު ދެކެވޭ ނޭދެވޭ ގޮތަކީ ހަގީގަތެކެވެ. އޭނާގެ ދިރިއުޅުމާއިމެދު ވިސްނޭ ނޭދެވޭ ހިޔާލުތަކުގެ ސަބަބުން، އޭނާ އިތުރަށް ދެރަވެއެވެ. މިސާލަކަށް، އައިޝާއަށް ކުރެވޭ މިފަދަ ހިޔާލުތަކާއި ވިސްނުންތައް އެއްފަރާތްކުރުމުގެ ގޮތުން ޔޫޓިއުބް ބެލުމުގައި، ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އަދި ސިއްހަތަށް ފައިދާ ނުކުރަނިވި ކެއުންތަކުން ހިތްހަމަ ޖެހުން ހޯދުމަށް މަސައްކަތްކުރެއެވެ. މި އަމަލުތަކުގެ ސަބަބުން ކުޑަ ވަގުތު ކޮޅަކަށް ހިތްހަމަޖެހުން ލިބުންކަމުގައިވިޔަސް، މުސްތަގުބަލާމެދު ވިސްނާއިރު މިކަންތައްތަކުގެ ސަބަބުން އައިޝާ އަމިއްލަ ނަފްސުދެކެ އިތުރަށް ފޫހިވާ ގޮތްވެއެވެ.
ނޭދެވޭ ޚިޔާލުތަކާއި އިޙްސާސްތައް ދުރަށް ޖައްސަން މަސައްކަތް ކުރި ނަމަވެސް، އައިޝާ އަދިވެސް ގިނަ ވަގުތު ހޭދަކުރަނީ މާޒީގައި ހެދިފައިވާ ގޯސްތަކާއި މެދު ވިސްނައި މުސްތަޤްބަލާމެދު ކަންބޮޑުވުމުގައެވެ. މިކަމުގެ ސަބަބުން އޭނާގެ މިހާރުގެ ހަޔާތުގައި އުފާވެރިކަން ލިބޭނެ ކަންތައްތައް ތަކުގެ މަތިން އޭނާ ހަނދާންނެތި، އޭނާ އަސްލު މުހިންމުކަން ދޭން ބޭނުންވާ ކަންތައްތަކެއް ނުކުރެވެއެވެ. ހަމައެއާއެކު ހަޔާތުގައި މުހިންމުކަން ދޭން ބޭނުންވާ ކަންކަން ޔަގީން ނުވާތީ، އައިޝާގެ އަމާޒުބަހައްޓަންވީ ދިމާ އޭނާއަށްވެސް ވަނީ އޮޅިފައެވެ.
މިދެނެގަތުމުގެ މައްޗަށް އައިޝާއަށް ދިމާވެފައިވާ މައްސަލަތައް ބިނާކޮށް، އައިޝާއަށް އެހީތެރިވުމުގެ ގޮތުން ސައިކޮލޮޖިސްޓް އޭނާ އާއި ބައިވެރިވެގެން ޕްލޭނެއް އެކުލަވާލިއެވެ. ފުރަތަމަ ކަމަކަށް އެދެމީހުން މަޝްވަރާކުރީ އައިޝާގެ ހަޔާތުގައި އޭނާ މުހިންމުކަން ދޭން ބޭނުންވާ ކަންކަން ހޯދުމަށެވެ. އެގޮތުން، އެކަންކަމަކީ އޭނާގެ އާއިލާތޯ ނޫނީ، އުފެއްދުންތެރިކަންތޯ ނޫނީ، އެހެން މީހުންނަށް އެހީތެރިވުންތޯ ސައިކޮލޮޖިސްޓް އައިޝާއާއި ސުވާލުކޮށް ދެނެގަންނަން މަސައްކަތް ކުރިއެވެ. މިފަދަ ސުވާލުތަކާއި ޖަވާބުތައް މެދުވެރިކޮށް، އައިޝާއަށް އޭނާގެ ދިރިއުޅުމުގައި ކުރަންބޭނުންވާ ކަންކަން ދެނެގަންނަން ފަސޭހަ ވިއެވެ. އޭނާގެ ހަޔާތުގައި އިސްކަންދޭން ބޭނުންވާ ކަންކަން ނުވަތަ އަގުވަޒަން ކުރަން ބޭނުންވާ ކަންކަން ސާފުވުމުން، އެކަންކަމާއި ގުޅުންހުރި ކުދިކުދި ލަނޑުދަނޑިތަކެއް ކަނޑައެޅިއެވެ. އަދި އޭނާ އަގުވަޒަން ކުރަން ބޭނުންވާ ކަންކަމާއި އެއްގޮތް ދިރިއުޅުމެއް އުޅެން ފިޔަވަޅުތައް އަޅަން ފަށިއެވެ. އޭނާގެ ހިޔާލާއި ފިކުރު މާޒީއަށާއި މުސްތަގުބަލަށް އަމާޒުކޮށް އެކަމާއިމެދު ވިސްނަން ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި މިހާރަށް އޭނާ ފޯކަސް ކުރަން ދަސްކުރިއެވެ.
އޭނާގެ ހިޔާލަށް އަންނަ ތަފާތު ކުލަވަރުތަކުގެ ވިސްނުންތަކާއި އިހްސާސްތަކަކީ، އޭނާގެ ބާރުގައި ނެތް ކަންތައްތަކެއްކަން އައިޝާ ދަސްކުރިއެވެ. އެއީ ކޮންމެ މީހަކަށްވެސް ބައެއް ފަހަރު ކުރެވޭނެ އިހްސާސްތަކެއްކަން ވިސްނުން ބަހައްޓައިގެން، އެ ބަދަލުކުރަން މަސައްކަތް ނުކޮށް، އެއިހްސާސްތައް އަންނަ ގޮތަކަށް އައިސް ގޮސް ހަދަން ޖާގަ ދޭން އޭނާ ދަސްކުރިއެވެ. އުނދަގޫ އިހްސާސްތަކާއި ވިސްނުމަށް ދަތިކުރާ ހިޔާލުތަކުން، މީހާ ސަލާމަތްވާން ޔޫޓިއުބް ނުވަތަ މާގިނައިން ކެއުން ބޭނުންކުރުމުގެ ބަދަލުގައި، އެއިހްސާސްތަކާއި ހިޔާލުތަކަކީ ނައްތާލަން ޖެހޭ އެއްޗެއް ނޫންކަން އައިޝާ ދެނެގަތެވެ. އަދި އޭނާގެ ނޭދެވޭ ޚިޔާލުތަކަކީ ހަގީގަތެއްނެތް ފިކުރުތަކެއްގެ ގޮތުގައި ދެކޭނެ ގޮތް ވެސް ދަސްކުރިއެވެ.
މިކަމުގެ ތެރެއިން އައިޝާ އޭނާގެ ވިސްނުމާއި އިޙްސާސްތައް ބަލައިގަނެ، އަގުވަޒަން ކުރަން ބޭނުންވާ ކަންކަން އެނގި، އުފާވެރި ދިރިއުޅުމަކަށް މަގުފަހިވާ ގޮތްތައް އިޚްތިޔާރު ކުރަން ދަސްވިއެވެ.
އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓަކާއި ބައްދަލުކުރެއްވުމަށް ހަމަޖައްސަވާ

ެއަޅުގަ ނޑުމެންގެ ސައިކޮލޮޖިސްޓަކާއި ބައްދަލުކޮށްލުމަށް ބޭނުންނަމަ ކޮންސަލްޓޭޝަނެއް ހަމަޖެއްސެވުމަށް ކޮންސަލްޓޭޝަންއާއި ބެހޭ ޕޭޖަށް ދުރުވެލައްވާ
ޑައިގްނޯސް ކުރުމާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުވަތަ ކޮމެންޓެއް އެބައޮތްތޯ?
މިލިޔުމުން ތިބާގެ ސުވާލުތަކަށް ޖަވާބު ލިބުންތޯ މިޕޭޖުގެ ތިރީގައިވާ ކޮމެންޓް ސެކްޝަނުގައި ތިބާގެ ހިޔާލު ފާޅުކުރުމަށް އަޅުގަނޑުމެން މަރުހަބާ ކިޔަމެވެ. އަދި ވީހާވެސް އަވަހަށް ކޮމެންޓަކަށް ޖަވާބު ދެވޭތޯ މަސައްކަތް ކުރާނަމެވެ.
ތިބާގެ ހިޔާލުތަށް ކިޔާލުމީ އަޅުގަނޑުމެންނަށް ލިބޭނެ އުފަލެކެވެ.
ޑައިގްނޯސިސް އާއި ބެހޭ އިތުރު މައުލޫމާތު …

ތިރީގައި މިވަނީ ސައިކްރިއޭޓިކް ޑައިގްނޯސިސްއާ ބެހޭ އިތުރު މައުލޫމާތު ލިބޭ އެހެން ވެބްސައިޓްތަކާއި ވަސީލަތްތަކުގެ ލިންކްތަކެވެ.
މިނޫން އެހެން ވެބްސައިޓެއް ނުވަތަ ވަސީލަތެއް އެނގިވަޑައިގަންނަވާނަމަ ތިރީގައިވާ ކޮމެންޓް ސެކްޝަންގައި އެކަން އަޅުގަނޑުމެންނަށް އަންގަވާލުމުން ލިސްޓަށް އިތުރުކުރެވޭނެއެވެ.
.
ނަފްސާނީ ބަލިތަަކަށް ތަފާތު ނަޒަރަކުން ބެލުމާއިމެދު ލިޔެވިފައިވާ ނިއުޔޯކް ޓައިމްސްގެ އާޓިކަލް
2015 ވަނަ އަހަރު ނިއުޔޯކް ޓައިމްސްގެ މި ލިޔުމުގައި ނަފްސާނީ ޑައިގްނޯސިސްއާއި ބެހޭގޮތުން ކުރެވޭ ބަހުސްގެ ރަނގަޅު ހުލާސާއެއް ލިބިގެންދެއެވެ.
ނޭޗަރއަކީ މަޝްހޫރު ސައިންޓިފިކް ޖާނަލްއެކެވެ. 2020 ވަނަ އަހަރުގައި ޝާއިކޮށްފައިވާ މި ލިޔުމުގައި ނަފްސާނީ ޑައިގްނޯސްތަކުގައި ހުރި ބައެއް މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެެވެ.


